ޔޫނުސްގެފާނު ވާހަކަ
ތަޢާރަފު
ޔޫނުސްގެފާނުގެ ވާހަކައަކީ މާތްކަލާނގެ އިސްރާއީލުގެ މީހުންނަށް އެންގެވި މަތިވެރި އެންގެވުމެކެވެ. މި ވާހަކައިގައި މިވަނީ އެކަލާނގެ ނަބީބޭކަލެއްގެ ދަރަޖަ ދެއްވައި ފޮނުއްވި ބޭކަލެއްގެ ވާހަކައެވެ. އޭރު އެކަލޭގެފާނު ހުންނެވީ ނީނަވާއަށް ވަޑައިގަންނަވައި ނަބީކަމުގެ ފުރިހަމަ ޒިންމާ އުފުއްލަވަން ތައްޔާރަކަށް ނޫނެވެ. އެހެނީ ނީނަވާއަކީ އިސްރާއީލީންގެ ނުހަނު ހަތުރުވެރި ބަޔަކު ދިރިއުޅޭ ތަނެކެވެ. އެއީ އޭރު އައްޝޫރުގެ ވެރި ރަށެވެ. ޔޫނުސްގެފާނަށް މާތްކަލާނގެ އެންގެވީ އެރަށަށް ވަޑައިގެން އެރަށުގެ އަހުލުވެރިންނަށް އެކަލާނގެ އަންގަވާ އެންގެވުމެއް އިއްވައި ދެއްވުމަށެވެ. އެހެންނަމަވެސް އެ ޒިންމާ އުފުއްލެވުމަށް އެކަލޭގެފާނު ފަސްޖެހިވަޑައިގަތެވެ. އެކަލޭގެފާނު ބޭނުންފުޅުވީ ނީނަވާގެ އަހުލުވެރިންނަށް ބޮޑު މުސީބާތެއް އައިސް އެރަށް ހަލާކުވެ ދިއުމަށެވެ.
މިހެންވެ އެކަލޭގެފާނު އެކަލާނގެ އެންގެވި އެންގެވުމަށް ރެކިވަޑައިގަންނަވަން އުޅުއްވީއެވެ.
މި ވާހަކައިން އެނގިގެންދާ ކަމަކީ އިސްރާއީލަކީ މާތްކަލާނގެ ޙަޟުރަތުގައި ޚާއްސަ ޤައުމެއް ކަމަށް ވިޔަސް ކޮންމެ ތަނެއްގައި އޮތް ކޮންމެ ޤައުމެއްގެ ބައެއް ނަމަވެސް ހުރިހާ އިންސާނުންނާއި މަޚުލޫޤުންނާ މެދުގައިވެސް މާތްކަލާނގެ ރަޙުމު ކުރައްވައި އޯގާވެރިވެ ވޮޑިގަންނަވާނެ ކަމެވެ. އަދި މިވާހަކައިން ދައްކައިދެނީ މާތްކަލާނގެ އެންގެވި މުހިންމު ކަމެއް ނުކޮށް އެކަމަކާ ދުރަށް ދިޔަ މީހަކާ މެދު ކަންތައް ވެގެން ދިޔަގޮތެވެ. އަދި މިވާހަކައިން އެނގިގެންދާ އަނެއް ކަމަކީ މާތްކަލާނގެ މީހަކާ ކަމެއް ހަވާލު ކުރައްވައިފިނަމަ އެކަމެއް ކުރުމުގެ ކުޅަދާނަކަން އެމީހެއްގެ ކިބައިގައި ލައްވާ ކަމެވެ. އަދި ހަމަ އެފަދައިން ކިތަންމެ ނުރައްކާތެރި ޙާލަތެއް މެދުވެރިވިޔަސް އެކަމުން އެމީހަކު ސަލާމަތްކޮށްދެއްވައި އެ ޒިންމާއެއް އުފުލުމުގެ ޤާބިލުކަން އެމީހަކަށް ދެއްވާ ކަމެވެ.
މި ވާހަކައިގައި މުހިންމު ދެ ހާދިސާއެއް ހިނގައެވެ.
1. އެއީ ޔޫނުސްގެފާނު މާތްކަލާނގެ އެންގެވި ކަމެއް ނުކުރައްވައި އެކަމަށް ފުރަގަސް ދެއްވައި ވަޑައިގަތުން.
2. ޔޫނުސްގެފާނު ނީނަވާއަށް ވަޑައިގެން މާތްކަލާނގެ އެންގެވި އެންގެވުން އެރަށުގެ މީހުންނަށް އަންގައި ދެއްވުމަށް ފަހު ވެސް މާތްކަލާނގެ ދެކެ ކޯފާވެ ވަޑައިގެންނެވުން. އަދި މާތްކަލާނގެ ނީނަވާގެ މީހުންނާމެދު އޯގާވެރިވެ ވޮޑިގެންނެވި ސަބަބު ޔޫނުސްގެފާނަށް އަންގަވައި ދެއްވި ގޮތް.
މި ވާހަކައިގެ ފުރަގަހުގައި ހިމެނިފައިވީ އަނެއް ކަމަކީ ބަޔަކު ކިތަންމެ ބޮޑު ކުށެއްކުރަމުން ދިއުމަށް ފަހުވެސް މާތްކަލާނގެ ކިބަފުޅަށް އެނބުރި އެކަމުން ރުޖޫޢަވެ އަލުން އެކަންތައް ތަކުރާރު ނުކުރުމަށް ޢަޒުމު ކަނޑައަޅައިފިނަމަ މާތްކަލާނގެ އެ ބަޔެއްގެ އަޑު އައްސަވައި އެބަޔަކަށް ކުރިމަތި ކުރެއްވުމަށް ނިންމަވާފައިވާ މުސީބާތެއްވެސް ފޮނުއްވުން ހުއްޓަވާލައްވަފާނެ ކަމެވެ. ނީނަވާއަކީ އިސްރާއީލްގެ ޤައުމަކަށް ނުވެއެވެ. އެ ރަށަށް ކޮންމެ ފަދަ މުސީބާތެއް ކުރިމަތިވިޔަސް އެކަލޭގެފާނަށް ހެވެވެ. އެހެންކަމުން އެ އެންގެވުމަށް ފުރަގަސް ދެއްވައި ވަޑައިގެންނެވީއެވެ. އެހެންނަމަވެސް މާތްކަލާނގެ އެކަލޭގެފާނު ސަލާމަތް ކުރެއްވީ ހިތަށްވެސް ގެންނަން އުނދަގޫ ފަދަ ގޮތެއްގައެވެ. އެކަލާނގެ ކުޅަދުންވަންތަކަން ދައްކުވައިދޭ ފަދަ އިބުރަތްތެރި ގޮތެއްގައެވެ. އެކަލާނގެ އަމުރުފުޅު ހިންގަވާ މަތިވެރި ރޭއްވެވުން މި ވާހަކައިން އެނގިގެން ދެއެވެ. އެކަލާނގެ މީސްތަކުންނަށް ކަންކަން އަންގަވާ ގޮތާއި އަދި އެ އެންގެވުމާއި އެއްގޮތަށް ކިޔަމަންތެރިކަމާއެކު ކަންކަން ކުރާ މީހުންނަށް ދެއްވާ މަތިވެރި ނިޢުމަތް މި ވާހަކައިން ފެނިގެން ދެއެވެ.
1
ޔޫނުސްގެފާނު މާތްރަސްކަލާނގެއަށް ފިއްލަވަން ވަޑައިގެންނެވުން
1‏-2 އެއްދުވަހަކު އަމިއްތާއިގެ ދަރިކަލުން ޔޫނުސްގެފާނަށް މާތްރަސްކަލާނގެ އެންގެވިއެވެ. ”ބޮޑު ރަށެއްކަމުގައިވާ ނީނަވާގެ މީހުންގެ އުޅުން މާބޮޑަށް ގޯސްވެއްޖެ.* 1‏:1‏-2 ނީނަވާ އަކީ އުތުރު އީރާގުގެ ޓިގުރިސް ކޯރުގެ ކައިރި ހިސާބުގެ ރަށެއް. މިރަށް އޮންނަނީ މޯސެލްއާ ކުރިމަތީގައި. އެކަން ތިމަންކަލާނގެ ސަމާލުކަމަށް އަތުވެއްޖެ. އެވާހަކަ އެމީހުންގެ ގާތުގައި ގޮސް ބުނޭ!“
މިހެން އެންގެވީމާ ޔޫނުސްގެފާނު ކަންކުރެއްވި ގޮތަކީ އިސްރާއީލުގެ ޔާފާގެ ގޮނޑުދޮށަށް ވަޑައިގެން އެތަނުން އޮޑިއަކަށް ކުލިދައްކަވައި އެއަށް އަރުއްވައިގެން ނީނަވާއާ ދިމާ އިދިކޮޅަށް ދާން އޮންނަ ތަރްޝީޝްއަށް ދިއުމަށް ދަތުރު ފެއްޓެވީއެވެ. 1‏:3 ޔާފާ އަކީ އިސްރާއީލުގެ ހައިފާއާއި މިޞްރާ ދެމެގައި އޮންނަ ރަށެއް. ތަރްޝީޝްއަކީ ނޫޙުގެފާނުގެ ކާފަ ދަރިކަލުންނަށް ނިސްބަތް ކުރެވިފައިވާ ނަމެކެވެ. އެއީ މިހާރުގެ ސްޕޭންގެ ރަށެއް ކަމަށް ވާ ތަރްޝީޝްއެވެ. މާތްރަސްކަލާނގެއަށް ފިއްލެވުމަށް ކަމަށް ހިތައެވެ.
ކަނޑު ދެބައި ނުވަނީސް މާތްރަސްކަލާނގެ އަމުރުފުޅަށް ގަދަފަދަ ވައިރޯޅިއެއް އައިސް ކަނޑު ގަދަކޮށްލައިފިއެވެ. އިސާހިތަކު އޮޑިއަށް ނުކަތާ ވަރުވެއްޖެއެވެ. ހީވަނީ ހަމަ ދެންމެ ދެންމެ އޮޑި ފުނޑުފުނޑުވެ ޣަރަގުވެދާނެ ހެންނެވެ. ފަޅުވެރިން ބިރުން ގޮތްހުސްވެ އެމީހަކު ދަންނަ ކަލާނގެއަކަށް ދުޢާކޮށް ކިޔުނު ހެޔޮ އެއްޗެއް ކިޔާ ރޮއިހޭރެން ފަށައިފިއެވެ. އަދި އެމީހެއްގެ އަތުޖެހުނު އެއްޗެއް ކަނޑަށް އުކައި އޮޑި ފެންމަތީގައި ބެހެއްޓޭތޯ މަސައްކަތް ކުރަން ފަށައިފިއެވެ. މިކަންތައް ހިނގަމުން ދިޔައިރު ޔޫނުސްގެފާނު އޮންނެވީ ވަތުތެރަށް އެރިވަޑައިގެން ގަދަ އަވަހާރަފުޅުގައެވެ. އޮޑީގެ ކައްޕިތާނަށް މިކަން އެނގުމުން އެކަލޭގެފާނަށް ގޮވައި ހޭފުޅު ލައްވައިފިއެވެ. މިވަރުވެގެން ދާއިރުވެސް ކަލޭ ތިއޮންނަނީ ނިދާފައިތަ؟ ކައްޕިތާނު ރުޅިއައިސްގެން ބުންޏެވެ. ”ތެދުވެ ކަލޭގެ ކަލާނގެއަށް ވެސް ދަންނަވާބަލަ މި މުސީބާތުން އަހަރެމެން މިންޖު ކޮށްދެއްވާތޯ.“
މި މުސީބާތެއް އެމީހުންނަށް މި ލައިގަތީ ކީއްވެތޯ ބެލުމަށް ފަޅުވެރިން އޭރު ދަނީ ފާލު ބަލަމުންނެވެ. ފާލަށް އެރީ އެކަލޭގެފާނެވެ. ”ކަލޭ ތީ ކޮންތާކުން އައިސް އަރާހުރި ކާކުތަ؟“ އެމީހުން ހަޅޭލަވައިގަތެވެ. ”އަހަރެމެންނަށް މި މުސީބާތެއް މި ލައިގަތީ ކީއްވެތަ؟ ކަލޭ ތީ ކީއްކުރާ މީހެއްތަ؟“
”އަހަރެން މީ ޢިބްރާނީއެއް.“ 1‏:9 ޢިބްރާނީންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. މިމީހުން އަޅުކަންކޮށް ހަދަނީ މާތްރަސްކަލާނގެއަށެވެ. ޔޫނުސްގެފާނު ވިދާޅުވިއެވެ. ”އަހަންނަކީ އުޑުތަކާއި ބިމާއި ކަނޑު ހެއްދެވި މާތްރަސްކަލާނގެއަށް އަޅުކަން ކުރާ މީހެއް.“
10 އެކަލޭގެފާނު އެއުޅުއްވަނީ މާތްރަސްކަލާނގެއަށް ފިއްލަވަންކަން އެކަލޭގެފާނުގެ ބަސްފުޅުން އެމީހުންނަށް އެނގުމުން އެމީހުން ގަތީ އަމަށަކު ބިރެއް ނޫނެވެ. ”ތިޔަވަރުގެ ކަމެއް ކަލޭ ތިޔަކުރީ ކީއްވެތަ؟“ އެމީހުން ބުންޏެވެ. 11 އޭރު ކަނޑު އަންނަނީ ކެކި އުތުރެމުންނެވެ. ދެނަކާ ދެނެއް ނެތެވެ. ”މި ކަންތަކުން ސަލާމަތްވާން އަހަރެމެން ކުރަންވީ ކީއްތަ؟“ އެމީހުން ސުވާލު ދެންނެވިއެވެ.
12 ”އަހަރެން ކަނޑަށް އެއްލާލާ! އޭރުން ތިޔަ ހުރިހާކަމެއް ރަނގަޅުވީ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”މިއީ އަހަންނާހެދި ކަލޭމެންނަށް ލައިގަނެގެން އުޅޭ މުސީބާތެއް.“
13 އެހެންނަމަވެސް އެގޮތަށް ކަންތައް ނުކޮށް އެމީހުން އުޅުނީ ހިކިފަސްތަނަކަށް ކައިރި ކުރެވޭތޯއެވެ. އެމީހުން ފަލިޖަހައި ހޭރިޔާކޮށް އެގޮތް މިގޮތަށް މަސައްކަތް ކޮށް އުޅެ ވަރުބަލިވި އިރުވެސް ހަމަ ހިލާ އެއްތަނަކަށްވެސް ކައިރި ކުރެވޭނެ ގޮތެއް ނުވިއެވެ. ހައްތާ ދިޔައީ ގަދަވެ ނުރައްކާ ވަމުންނެވެ. އޭރު އަތަކަށް ފަޔަކަށް އޮބިއޮންނަ ވަރެއް ނޫނެވެ.
14 ދެން އެމީހުން މާތްރަސްކަލާނގެއަށް ދެންނެވިއެވެ. ”މި މީހާ ކުރި ކުށަކާހެދި އަޅަމެންގެ ފުރާނަ ނުގެންދަވާދޭވެ! އަދި ކުށެއްނެތް މީހަކު މަރާލުމުގެ އިލްޒާމު އަޅަމެންގެ ބޮލުގައި ނުއަޅުއްވާނދޭވެ! އިނބަ ރަސްކަލާނގެ އެދިވޮޑިގަންނަވާ ގޮތަކީ މިއީތާ!“
15 މިހެން ދުޢާ ދެންނެވުމަށް ފަހު އެމީހުން އެކަލޭގެފާނު ކަނޑަށް އެއްލާލައިފިއެވެ. ހަމަ އެއާއެކު ވައިހިނދި ކަނޑު މަޑުވެ އޮމާން ވެއްޖެއެވެ. 16 ދެން، މި މީހުންނަށް މާތްރަސްކަލާނގެ ކުޅަދުންވަންތަކަން ފެނި ގަތް ބިރެއްގެ ބޮޑުކަމުން އެކަލާނގެއަށް ޤުރުބާނީއެއް ވެދުންކޮށް ނަދުރުބުނެ ހަދައްޕެވެ.
17 އޭރު މާތްރަސްކަލާނގެ ވަނީ އެކަލޭގެފާނު ދިރުވާލާނެ ބޮޑު މަހެއް ތައްޔާރު ކުރައްވައި ހަމަޖައްސަވާފައެވެ. އެ މަހުގެ ބަނޑުތެރޭގައި އެކަލޭގެފާނު ތިންރޭ ތިންދުވާ ވަންދެން އޮންނެވިއެވެ.

*1:1‏-2 1‏:1‏-2 ނީނަވާ އަކީ އުތުރު އީރާގުގެ ޓިގުރިސް ކޯރުގެ ކައިރި ހިސާބުގެ ރަށެއް. މިރަށް އޮންނަނީ މޯސެލްއާ ކުރިމަތީގައި.

1:3 1‏:3 ޔާފާ އަކީ އިސްރާއީލުގެ ހައިފާއާއި މިޞްރާ ދެމެގައި އޮންނަ ރަށެއް. ތަރްޝީޝްއަކީ ނޫޙުގެފާނުގެ ކާފަ ދަރިކަލުންނަށް ނިސްބަތް ކުރެވިފައިވާ ނަމެކެވެ. އެއީ މިހާރުގެ ސްޕޭންގެ ރަށެއް ކަމަށް ވާ ތަރްޝީޝްއެވެ.

1:9 1‏:9 ޢިބްރާނީންނަކީ އިބްރާހީމްގެފާނުގެ ދަރިކޮޅުގެ މީހުންނެވެ. މިމީހުން އަޅުކަންކޮށް ހަދަނީ މާތްރަސްކަލާނގެއަށެވެ.