އީސާގެފާނުގެ ބަސްފުޅު ފާޅުކުރުމަށް މަންދޫބުން ކުރެއްވި މަސައްކަތް
ފޮތް ހުޅުވާލުން
މިފޮތަކީ އީސާގެފާނުގެ އަސްޙާބީންނާއި ވަރަށް ގާތްކޮށް އުޅުނު އެކަލޭގެފާނަށް އީމާންވެގެން ވީ މީހަކު ކަމުގައިވާ ލޫކާސް ލިޔުއްވި ދެވަނަ ފޮތެވެ. އޭނާ ލިޔުއްވި ފުރަތަމަ ފޮތަކީ އީސާގެފާނު ދެއްވި އުފާވެރި ދިންނެވުން ލިބޭ ކީރިތި ޚަބަރުފުޅު ލިޔެވިފައިވާ ފޮތެއް ކަމުގައިވާ ”ލޫކާސް“ މިފޮތްކޮޅެވެ. ލޫކާސް ކުރީގައި ލިޔުއްވި ފޮތާއި އެއްފަދައިން މިފޮތްކޮޅުވެސް ލިޔުއްވިފައި ވަނީ އެއް މަޤްޞަދެއްގައެވެ. އެއީ އީސާގެފާނު ކުރެއްވި ކަންތައްތަކާއި އެކަލޭގެފާނު ވިދާޅުވެ އެންގެވި ބަސްފުޅުތައް ލިޔުމެވެ. އަދި އެކަލޭގެފާނާއި އެކަލޭގެފާނުގެ އަސްޙާބީންނާއި މެދު ކަންތައްތައް ވީގޮތް ތަރުތީބުން ލިޔެ ފުރިހަމައަށް ބަޔާން ކުރުމެވެ.
ލޫކާސްގެ ލިޔުއްވުމުގައި މިކަންތަކާއި ބެހޭ ގޮތުން ވަރަށް ތަފްސީލުކޮށް ލިޔުއްވާ އަދި އެދުވަސްވަރާއި ބެހޭ ތާރީޚީ މަޢުލޫމާތުތައް ބަޔާން ކުރައްވާފައި ވެއެވެ. ލޫކާސްގެ އަމިއްލަ ބަހަކީ ގުރީކު ކަމަށް ވުމުން އޭނާ ލިޔުއްވި ފޮތްކޮޅުތައް ލިޔުއްވާފައި ވަނީ ގުރީކު ބަހުންނެވެ. ގުރީކު ބަހުން ލިޔެވިފައިވީ މިފޮތް ވެސް ވަނީ ވަރަށް ގިނަ ބަހަށް މިހާރު ތަރުޖަމާ ކުރެވިފައެވެ. މިތަރުޖަމާ ކުރުމުގައި އަބަދުވެސް އަސްލަކަށް ބަލަނީ މިފޮތް ލިޔެވިފައިވީ ބަސް ކަމުގައިވާ ގުރީކު ބަހެވެ.
މިފޮތުގައި ބަޔާން ވެގެންވާ ކަންތައްތައް ހިނގާފައި ވަނީ އީސާގެފާނު އެކަލޭގެފާނުގެ އަސްޙާބީންނަށް އެންމެ ފަހުން ވިދާޅުވި ބަސްފުޅާއި އެއްގޮތުގެ މަތިންނެވެ. އެކަލޭގެފާނު ވިދާޅުވިއެވެ. ”މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.“ (1:8).
މިފޮތުގެ ދެވަނަ ބާބުގައި ބަޔާން ވެގެން ވަނީ ބަނީއިސްރާއީލު މީހުންގެ ޤައުމު ކަމުގައިވާ ޖުދެއާގެ ވެރިރަށް ޖެރޫސަލަމުގައި އީސާގެފާނަށް އީމާންވެގެންވީ މީހުންގެ މައްޗަށް މާތްރަސްކަލާނގެ މާތްރޫޙުފުޅު ފޮނުއްވި ގޮތުގެ ވާހަކައެވެ. އަދި އަށްވަނަ ބާބުގައި އީސާގެފާނަށް އީމާންވެގެން ވީ މީހުން ސަމީރިއްޔާގެ މީހުންނަށް އީސާގެފާނާއި ބެހޭ ޚަބަރުތައް އަންގައިދީ، އަދި ދިހަވަނަ ބާބުގައި ބަނީއިސްރާއީލު މީހުން ނޫން މީހުން ކަމުގައިވާ މީހުންނަށް އެކަލޭގެފާނުގެ ބަސްފުޅުތައް އަންގައިދެވުނެވެ. ދެން އެފަދައިން މުޅި ސަރަހައްދުގައި ވެސް ކަންކުރިއެވެ. އަދި އަށާވީސް ވަނަ ބާބުގައި އީސާގެފާނުގެ ބަސްފުޅުތައް ރޯމުގެ މީސްތަކުންނަށް އަންގައި ދެވުނު ކަމުގައި ބަޔާން ވެގެންވެއެވެ.
އޭރު ރޯމުގެ ސަރުކާރަކީ ވަރަށް ބާރުގަދަ ރަސްކަމެކެވެ. މިހާރު ޔޫރަޕު ކަމަށް ބެލެވޭ ސަރަހައްދާއި އަދި ދުނިޔޭގެ އެތައް ހިސާބެއްގައި އޭރު ވަނީ ރޯމުގެ ބާރެވެ. ބަރާބަރަށް ޓެކްސް ދައްކާ ރޯމުގެ ސަރުކާރާއި ދެކޮޅު ނުވާ ހިސާބުތަކުގައި އެބައެއްގެ އަމިއްލަ ރަސްކަލުން ބައިތިއްބުމަށް ހުއްދަ އޮވެއެވެ. ނަމަވެސް ދެކޮޅުހަދާ މިނިވަންވުމަށް މަސައްކަތް ކޮށްފި ރަށެއްގައި ނަމަ، ސީދާ ރޯމުގެ ސަރުކާރުން އެތަނެއްގައި ވެރިކަން ކުރުމަށް ވެރިން ލައެވެ. އަދި އެތަން ބެލެހެއްޓުމަށް ރޯމުގެ ސަރުކާރުގެ ސިފައިންވެސް ފޮނުވައެވެ.
މިފޮތުގައި ބަޔާންކޮށް ލިޔެވިފައި މިވާ ކަންތައްތައް ހިނގާދިޔުމަށް ގާތްގަނޑަކަށް ތިރީހަކަށް އަހަރުގެ މުއްދަތެއް ނެގިއެވެ. މިފޮތުގައި ޚާއްސަ ގޮތަކަށް ފާހަގަ ކުރެވޭ އީސާގެފާނުގެ ދެ މަންދޫބުންނަކީ ޕަތަރަސްއާއި ޕައުލްއެވެ. މީގެތެރެއިން ޕައުލްއަކީ އީސާގެފާނާއި ވަރަށް ދެކޮޅު އެކަލޭގެފާނަށް އީމާންވެގެންވީ މީސްތަކުންނަށް އަނިޔާދީ އުޅުނު ދީނުގެ ދަންނަބޭކަލެކެވެ. ނަމަވެސް އެކަލޭގެފާނާ ދިމާވި މުޢުޖިޒާތަކާ ގުޅިގެން އޭނާއަށް އީސާގެފާނު ދެއްވާ ދިންނެވުން ލިބުނެވެ. އަދި މާތްރޫޙުފުޅުގެ ބާރުން ބާރުލިބުމުން އޭނާ އީސާގެފާނު ދެއްވި ދިންނެވުމުގެ ޚަބަރު ވަރަށް ކެރިހުރެގެން އެކި ހިސާބުތަކުގެ ތަފާތު ރަށްތަކުގައި އަންގައިދިނެވެ. އެގޮތުން ޕައުލް ކުރި ދަތުރުތަކުގައި އޭނާގެ ދަތުރުގެ ބައިވެރިއެއްގެ ގޮތުން މިފޮތުގެ ލިޔުންތެރިޔާ ލޫކާސްވެސް ދިޔައެވެ. އެހެން ކަމުން މިފޮތުގައި ލިޔެވިފައިވާ ގިނަ ކަންތައްތައް ހިނގާ ދިޔަތަން ލޫކާސް ވަނީ އަމިއްލަ ލޮލުން ދެކެފައެވެ.
އީސާގެފާނަށް އީމާންވެގެންވާ މީހުން މީސްތަކުންނަށް އަންގައިދެމުން ދިޔަ ކަންތައްތައް ހާމަވެ އެނގެން ހުރީ އެކަލޭގެފާނުގެ މަންދޫބުން ދެއްވި ޚުތުބާތަކުގައެވެ. އެ ޚުތުބާތަކުގައި ހިމެނޭ ބައިތަކަކީ:
މާތްރަސްކަލާނގެ އޭގެ އެތައް ސަތޭކަ ގަރުނެއްގެ ކުރިން ރަސޫލުންނާއި ނަބީން މެދުވެރިކޮށް އަންގަވައި ވަޢުދުފުޅު ކުރެއްވި ކަންތައްތައް އެފަދައިން ވެ ނިމިއްޖެ ކަން
އީސާގެފާނުގެ ދިރިއުޅުއްވުމާއި އެކަލޭގެފާނު އަވަހާރަވެދިޔަ ދިއުމާއި އަދި އަލުން ދިރިދުނިޔެއަށް ވަޑައިގަތުން މެދުވެރިކޮށް މީސްތަކުންނަށް ދިންނެވުން ދެއްވިއްޖެ ކަން
އީސާގެފާނަކީ އަލްމަސީޙު ކަމާއި އެކަލޭގެފާނީ މީސްތަކުންގެ މައްޗަށް ހިސާބު ބައްލަވާނެ މާތް ސާހިބާ ކަން
އީސާގެފާނަށް އީމާންވާ މީހުންނަށް މާތްރޫޙުފުޅު ދެއްވާ ދެއްވުން އެއީ އެކަލޭގެފާނުގެ މަތިވެރިކަމާއި ކަރާމާތްތެރިކަމުގެ ހެއްކެއް ކަން
އީސާގެފާނުގެ މަންދޫބުންނަކީ އީސާގެފާނުގެ ދިރިއުޅުއްވުމާއި އަލުން ދިރިވަޑައިގަތް ކަމުގެ ހެކިން ކަން
އެމީހެއްގެ ފާފަތަކަށް ތައުބާވެ މާތްރަސްކަލާނގެ އީސާގެފާނު މެދުވެރިކޮށް ދެއްވާ ފާފައިގެ ޢަފޫ ލިބިގަންފި ކޮންމެ މީހަކަށްމެ އެކަލާނގެ މާތްރޫޙުފުޅު ދެއްވާނެ ކަމެވެ.
މިފޮތުގައި ބަޔާން ވެގެންވާ ކަންތަކުގެ ތެރޭގައި އެންމެ ފުރަތަމަ އީސާގެފާނަށް އީމާންވި މީސްތަކުންގެ ދިރިއުޅުން ސިފަކޮށްފައިވާ ގޮތް ވެސް ފާހަގަ ކުރެވެއެވެ. ލޫކާސް ބަޔާން ކުރާ ގޮތުގައި އެމީހުން ދިރިއުޅުނީ މާތްރަސްކަލާނގެ ކިބަފުޅަށް ހަމްދު ސަނާ ކިޔާ އެކަލާނގެ ކިބަފުޅަށް ދުޢާކުރުމުގައެވެ. އަދި އެމީހުންގެ އަތުގައިވާ ހުރިހާ އެއްޗަކުން އެކަކު އަނެކަކަށް ވަރަށް ދީލަތިކަމާއި އެކު އެހީވެ އުޅުނު ކަމުގައި ވެސް ބަޔާން ކުރެވިފައިވެ އެވެ.
މިފަދަ ގުޅުމެއް އެމީހުންގެ ތެރޭގައި އޮތްކަން އެއީ ފާހަގަކޮށްލަން ޖެހޭ ކަމެކެވެ. އެއީ އެ ދުވަސްވަރު ބަނީއިސްރާއީލު މީހުންނާއި އެހެން މީހުންނާއި ދެމެދު އެއްވެސް ކަހަލަ ގުޅުމެއް ބޭއްވުމަކީ، ބަނީއިސްރާއީލު މީހުންގެ ދީނުގެ ގަވާއިދުތަކާއި މުޅިން ޚިލާފު ކަމެކެވެ. އެއީ ބަނީއިސްރާއީލު މީހުން ދެކޭ ގޮތުގައި މާތްރަސްކަލާނގެ ތެދުމަގު ދައްކަވާ ރަޙުމަތް ލައްވާނީ ހަމައެކަނި ބަނީއިސްރާއީލު މީހުންގެ މައްޗަށެވެ. ބަނީއިސްރާއީލު މީހުން ނޫން މީހުން ވަނީ މާތްރަސްކަލާނގެ ނިޢުމަތާއި ރަޙުމަތްފުޅުން ބޭރުގައެވެ. އަދި އެއްވެސް މީހަކު މާތްރަސްކަލާނގެ ކިބަފުޅަށް އީމާންވަނީ ނަމަ، އެމީހަކު ބަނީއިސްރާއީލު މީހަކަށް ވެ އެއީ ފިރިހެނަކު ނަމަ، ޙިތާނު ކުރެވެން ވެސް ޖެހޭނެއެވެ.
އީސާގެފާނަށް އީމާންވެގެންވީ ބަނީއިސްރާއީލު މީހުން ދެކުނު ގޮތުގައި، މީހަކު އީސާގެފާނަށް އީމާންވަނީ ނަމަވެސް ފުރަތަމަ އެމީހަކު ބަނީއިސްރާއީލު ދީނުގެ ގަވާއިދުތައް ގަބޫލު ކޮށް، އަދި އެއީ ފިރިހެނަކު ނަމަ ހިތާނު ކުރެވެން ވެސް ޖެހޭނެއެވެ. ނަމަވެސް މާތްރަސްކަލާނގެ އެމީހުންނަށް ފާޅުކޮށް އެންގެވީ، ހުރިހާ އިންސާނުންނަށް ވެސް މާތްރަސްކަލާނގެ އީސާގެފާނު މެދުވެރިކުރައްވާ ދިންނެވުން ދެއްވާފިކަމުގައެވެ. އެހެންކަމުން މާތްރަސްކަލާނގެ ކުރިފުޅުމަތީ އެންމެންނަކީ ވެސް ހަމަހަމަ ބައެއް ކަމެވެ.
އީސާގެފާނުގެ މަންދޫބުންނާއި އެކަލޭގެފާނަށް އީމާންވެގެންވީ މީހުން އެކަލޭގެފާނުގެ ބަސްފުޅުތައް މީސްތަކުންނަށް އަންގައިދެމުން ގެންދިޔަ އިރު، އެމީހުންނަށް ކެނޑިނޭޅި ލިބެމުންދިޔަ އަނިޔާތަކަކީ މިފޮތުގައި ތަކުރާތުކޮށް ލިޔެވިފައިވާ ނުކުތާއެކެވެ. އެމީހުން ޖަލަށް ލެވި އަނިޔާތައް ލިބި، އަދި އޭގެތެރެއިން ބައެއްމީހުން ވަނީ ޝަހީދު ވެފައިއެވެ. ނަމަވެސް، އެމީހުން އެމީހުންގެ އީމާންކަންމަތީ ހަރުދަނާ ކަމާއި އެކު ދެމިތިއްބެވެ. އެހެން ކަމުން މާތްރަސްކަލާނގެ އީސާގެފާނު މެދުވެރިކުރައްވާ ދެއްވި ދިންނެވުމުގެ އުފާވެރި ޚަބަރު ފެތުރުނެވެ. އަދި އީސާގެފާނަށް އީމާންވާ މީހުންގެ ޖަމާޢަތް ގިނަވެ ބޮޑުވިއެވެ.
އަޅުގަނޑުމެންގެ އުންމީދަކީ މި ދިންނެވުމުގެ އުފާވެރި ޚަބަރު އެންމެހާ ކިޔުންތެރިންނަށް ލިބުމެވެ. އަދި އަޅުގަނޑުމެންގެ ދުޢާއަކީ ތިޔަ އެންމެހާ ކިޔުންތެރިންނީ އީސާގެފާނު ގަބޫލުކުރާ މީހުންގެ ޖަމާޢަތުގައި ހިމެނޭ ބަޔަކު ކަމުގައި ވުމެވެ.
ފިހުރިސްތު
މިފޮތުގައި ބަޔާން ކުރެވިފައިވާ ކަންތައްތަކުގެ ތެރެއިން ފާހަގަ ކޮށްލެވޭ ކަންތައްތަކަކީ:
އީސާގެފާނު ދެއްވި އުފާވެރި ދިންނެވުމުގެ ޚަބަރުފުޅު ޖެރޫސަލަމުގެ މީސްތަކުންނަށް ހާމަކޮށް އެންގުން. (1:1—8:3)
އީސާގެފާނު ދެއްވި އުފާވެރި ދިންނެވުމުގެ ޚަބަރުފުޅު ޖުދެއާ އާއި ސަމީރިއްޔާ މީހުންނަށް ހާމަކޮށް އެންގުން. (8:4—12:25)
ޕައުލް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދިނުމަށް ކުރި ފުރަތަމަ ދަތުރު. (13:1—14:28)
ޖެރޫސަލަމުގައި ފާސްކުރެވުނު މުހިންމު ނިމުމެއް. (15:1-35)
ޕައުލް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދިނުމަށް ކުރި ދެވަނަ ދަތުރު. (15:36—18:22)
ޕައުލް އީސާގެފާނުގެ ބަސްފުޅުތައް އަންގައިދިނުމަށް ކުރި ތިންވަނަ ދަތުރު. (18:23—21:16)
ޕައުލް ޖެރޫސަލަމުގައި ހައްޔަރު ކުރެވުން. (21:17—23:22)
ޕައުލް ކައިސަރިޔާއަށް ގެންދެވުން. (23:23—26:32)
ޕައުލް ރޯމުކަރައަށް ގެންދެވުން. (27:1—28:31)
1
އީސާގެފާނު އުޑަށް އުފުއްލެވުން
1-2 ތިޔޯފިލުސް އަށް،
އަހަރެން ލިޔުނު ފުރަތަމަ ފޮތުގައި، އަހަރެން ލިޔުނީ އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން ފެށުނީއްސުރެން ނިމެންދެން އެކަލޭގެފާނު ކުރެއްވި ހުރިހާ ކަމަކާއި ކިޔަވައިދެއްވި ހުރިހާ ބަސްފުޅުތަކަކާއި ބެހޭ ގޮތުންނެވެ. އީސާގެފާނު އުޑަށް އުފުއްލެވުމުގެ ކުރިން، އެކަލޭގެފާނު މާތްރޫޙުފުޅުގެ ދަށުން ހޮއްވަވާ ކަނޑައެޅުއްވި މަންދޫބުންނަށް އެމީހުން ކަންތައްތައް ކުރަންވީ ގޮތް އެންގެވިއެވެ. 3 އީސާގެފާނު އަނިޔާ ލިބިވަޑައިގެން އަވަހާރަވުމަށް ފަހު، އެކަލޭގެފާނުގެ މަންދޫބުންގެ ކުރިމައްޗަށް ފާޅުވެ ވަޑައިގެން، އެމީހުންނަށް އެކަލޭގެފާނު ދިރިވަޑައިގެންވާ ކަން އެކި ތަފާތު ގޮތްތަކުގެ މަތިން ހާމަކޮށްދެއްވިއެވެ. އީސާގެފާނު އަވަހާރަވުމަށް ފަހު އަލުން ދިރިވަޑައިގެން އެކަލޭގެފާނުގެ މަންދޫބުންނަށް ފާޅުވެވަޑައިގެން ސާޅީސް ދުވަހުގެ ތެރޭ، މާތްރަސްކަލާނގެ ރަސްކަންފުޅާއި ބެހޭ ގޮތުން އެކަލޭގެފާނު އެމީހުންނާއި ވާހަކަ ދެއްކެވިއެވެ.
4 މީގެތެރެއިން އެއްފަހަރަކު އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންނާއި އެކު ކޭންބައްލަވަން އިންނަވާފައި އެމީހުންނަށް ވިދާޅުވިއެވެ. ”ކަލޭމެން ޖެރޫސަލަމުން ބޭރަށް ނުގޮސް މަޑު ކުރޭ. ބައްޕާފުޅު ދެއްވުމަށް ވަޢުދުފުޅު ވެފައިވާ ކަމުގައި ތިމަންކަލޭގެފާނު ކަލޭމެން ކާރީ ބުނި ހަދިޔާ ދެއްވަންދެން، ކަލޭމެން ޖެރޫސަލަމުގައި މަޑު ކުރޭ. 5 ޔަޙުޔާގެފާނު މީހުން ތައުބާގެ ހިނެވުމުން ހިނެވީ ފެނުން. ނަމަވެސް ދެތިން ދުވަހެއްގެ ތެރޭގައި މާތްރޫޙުފުޅުން ކަލޭމެން ހިނެވޭނެ.“
6 އީސާގެފާނު އެކަލޭގެފާނުގެ މަންދޫބުންގެ އަރިހުގައި ވީ ސާޅީސް ދުވަސް ނިމެން ގާތްވެފައި ވަނިކޮށް އެމަންދޫބުން މި ސުވާލު އީސާގެފާނަށް ދެންނެވިއެވެ. ”މަތިވެރި ސާހިބާ. ކަލޭގެފާނު ތިޔަ އުޅުއްވަނީ ބަނީއިސްރާއީލު މިނިވަންކޮށް އެމީހުންގެ ރަސްކަން އަނބުރާ ދެއްވަން ތޯ؟“
7 އީސާގެފާނު އެމީހުންނަށް ވިދާޅުވިއެވެ. ”ކަންތައްތަކަށް ވަގުތުތަކާއި ދުވަސްތައް ކަނޑައެޅުއްވުމުގެ ބާރުލިބިވޮޑިގެންވާ ހަމައެކަނި ފަރާތަކީ ބައްޕާފުޅު. އެއީކީ ކަލޭމެންނަށް އެނގެން ޖެހޭ ކަންތައްތަކެއް ނޫން. 8 ނަމަވެސް މާތްރޫޙުފުޅު ކަލޭމެންގެ މައްޗަށް ވޮޑިގެންވުމުން ކަލޭމެންނަށް މާތްރޫޙުފުޅުގެ ބާރުލިބޭނެ. އަދި އޭރުން މުޅި ޖެރޫސަލަމުގައާއި، ޖުދެއާކަރައިގެ ތެރޭގައާއި، ސަމީރިއްޔާގައާއި، އަދި ދުނިޔޭގެ ހުރިހާ ޤައުމެއްގަ ވެސް ކަލޭމެން ތިމަންކަލޭގެފާނާއި ބެހޭ ގޮތުން އެންމެންނަށް އަންގައިދީ ފާޅުކޮށް ދޭނެ.“
9 އެކަލޭގެފާނު އެހެން ވިދާޅުވި ތާ ގިނައިރެއް ނުވެ އެމީހުން އެންމެން ބަލަބަލާ ތިއްބާ އެކަލޭގެފާނު މައްޗަށް އުފުއްލެވުނެވެ. އަދި ވިލާގަނޑަކުން އެކަލޭގެފާނު ފޮރުވިގެންދިޔައެވެ. 10 އެމީހުން އެކަލޭގެފާނު އުފުއްލެވުނު ދިމާ މައްޗަށް ބަލަނިކޮށް ކުއްލިއަކަށް އެމީހުންގެ ކައިރީގައި ހުދު ހެދުމެއްގައިވާ ދެ ފިރިހެނަކު ވާތަން ފެނުނެވެ. 11 އެދެމީހުން މަންދޫބުންނަށް ބުންޏެވެ. ”އޭ ގަލީލީގެ މީހުން. ކަލޭމެން މިތާ އުޑަށް ބަލަހައްޓައިގެން ތިޔަ ތިބީ ކީވެފަ؟ އީސާގެފާނު ސުވަރުގެ ގެންދަވައިފި. އަދި ހަމަ އެކަލޭގެފާނު ގެންދެވިތަން ކަލޭމެން ތިޔަ ދުށް ފަދައިން އެއް ދުވަހަކުން ހަމަ އެފަދައިން އެކަލޭގެފާނު އެނބުރި ވަޑައިގަންނަވާނެ.“
ޔުދާސްގެ މަޤާމަށް މަތިއަސް ހޮވުން
12-13 މި ކަންތައް މި ފަދައިން ހިނގިއިރު މަންދޫބުން ތިބީ ޒައިތޫނި ފަރުބަދަ މަތީގައެވެ. މި ފަރުބަދަ ވަނީ ޖެރޫސަލަމާއި ބައިމޭލު ދުރުގައެވެ.* 1:12-13 މި އާޔަތުގައި ބައިމޭލުގެ ބަދަލުގައި މިފޮތް ލިޔެވިފައިވާ އަސްލު ބަސް ކަމުގައިވާ ގުރީކު ބަހުން ލިޔެވިފައި ވަނީ: ”ސަބަތުގެ ދުވަހު ހިނގަން ހުއްދަ އޮންނަ ދުރުމިނުގެ އަދަދެވެ.“ އެތަނުގައި ތިބި މަންދޫބުންނަކީ ޕަތަރަސް، ޔޫޙަންނާ، ޔާމިޒު، އަންދުރާއި، ފިލިޕު، ތޯމާސް، ބަރުތުލޫމު، މައްތާ، ހަލްފާހުގެ ދަރި ޔާމިޒު، އަދި ދީނާއި ސިޔާސީ ކަންތަކުގައި ހަރުދަނާ މީހެއް ކަމުގައި މަޝްހޫރު ސިމުއާން އާއި ޔާމިޒުގެ ދަރި ޔުދާސް އެވެ. މި މަންދޫބުން އެނބުރި ޖެރޫސަލަމަށް އައިސް އެމީހުން ތިބި ގެއަށް ގޮސް އެ ގޭގެ މަތީ ބުރީގައިވާ އެމީހުން ތިބި ކޮޓަރިއަށް ދިޔައެވެ. 14 މަންދޫބުން ކެނޑިނޭޅި ކޮންމެ ދުވަހަކު ވެސް ޖަމާވެ އެކުގައި ދުޢާ ކުރަމުން ގެންދިޔައެވެ. އެމީހުންނާއި އެކު ދުޢާ ކުރުމަށް އެއްވި މީހުންގެ ތެރޭގައި އީސާގެފާނުގެ މަންމާފުޅު މަރިޔަމްގެފާނާއި ބައެއް އެހެން އަންހެނުންނާއި އަދި އީސާގެފާނުގެ އެއްބަނޑު ފިރިހެން ކޮއްކޮއިން ވެސް ހިމެނުނެވެ.
15 އޭގެ ތެރެއިން އެއްދުވަހަކު އީސާގެފާނުގެ މައްޗަށް އީމާންވާ ސަތޭކަ ވިއްސަކަށް މީހުން އެއްތަނަކަށް އެއްވިއެވެ. އެ ދުވަހު ޕަތަރަސް އެމީހުންނާއި މުޚާޠަބު ކުރުމަށްޓަކައި ކޮޅަށް ތެދުވެ އެމީހުންނަށް ބުންޏެވެ.
16-17 ”އަޚުންނާއި އުޚުތުންނޭ. އީސާގެފާނު ހައްޔަރު ކުރުމަށްޓަކައި ބައިތުލް މަޤްދިސްގެ ސިފައިންނަށް އެހީވެދިން ޔުދާސް އާއި މެދު ބާވައިލެއްވިގެންވީ ފޮތްތަކުގައި ލިޔެވިގެންވީ ފަދައިން ކަންތައް ހިނގާ ނިމިއްޖެ. މި ކަންތައް ވާނެގޮތް މާތްރޫޙުފުޅު ދާއޫދުގެފާނު މެދުވެރިކޮށް ވަނީ އަންގަވާފަ. ޔުދާސް އަކީ އަހަރެމެންގެ ތެރެއިން ހިމެނުނު އަހަރެމެންނާއި އެކު ހުރިހާ ކަމެއްގައި އުޅުނު އެކަކު. ނަމަވެސް އޭނާ އީސާގެފާނު ހައްޔަރު ކުރުމަށް އައި މީހުންނަށް މަގުދެއްކި.“
18 (ޔުދާސް މި ކުރި ނުބައިކަންތަކުގެ އަގެއްގެ ގޮތުން ލިބުނު ފައިސާއިން އޭނާ ބިމެއްގަތެވެ. އޭނާ އެ ބިމުގެ ތެރެއަށް ވެއްޓި ހަށިގަނޑު ފަޅަފަޅައިގެން ގޮސް ގޮހޮރު ބޭރަށް ނުކުމެ ވަގުތުން މަރުވިއެވެ. 19 އޭނާގެ މަރުގެ ޚަބަރު މުޅި ޖެރޫސަލަމުގެ ތެރެއަށް ފެތުރުނެވެ. އެމީހުން މި ބިމަށް އަކެލްދެމާ އޭ ކިޔާ ނަންދިނެވެ. އެމީހުންގެ ބަހުން އަކެލްދެމާގެ މާނައަކީ ލޭގެ ބިމެވެ.)
20 ޕަތަރަސް ބުންޏެވެ. ”މި ކަންތައްތައް ވެ އެ ދިޔައީ ޒަބޫރުގައި ލިޔެވިގެންވީ ފަދައިން. ލިޔެވިގެންވޭ. ’އޭނާގެ ގެއެއީ އެއްވެސް މީހަކު ނޫޅޭނެ ފަޅުތަނަކަށް ވާ ހުއްޓޭ.‘ އަދި ވެސް ޒަބޫރުގައި މި ފަދައިން ވެސް ލިޔެވިގެންވޭ. ’އޭނާގެ ބަދަލުގައި އެހެން މީހަކު އޭނާގެ މަޤާމަށް ހޮވާށޭ.‘
21 އެހެން ކަމުން އޭނާގެ ބަދަލުގައި އޭނާގެ މަޤާމަށް އެހެން މީހަކު ހޮވަން އަހަރެމެން އެބަޖެހޭ. އެމީހަކީ މާތްސާހިބާ އީސާގެފާނާއި އެކު އަހަރެމެން ހޭދަކުރި ހުރިހާ ދުވަހަކު އަހަރެމެންނާއި އެކުގައި ވީ މީހަކު ކަމުގައި އެމީހަކު ވާން ވާނެ. 22 އެއީ ޔަޙުޔާގެފާނު މީސްތަކުން ތައުބާގެ ހިނެވުމުން ހިނެވި ދުވަސްވަރުން ފެށިގެން އީސާގެފާނު ސުވަރުގެ ގެންދެވުނު ދުވަހާއި ޖެހެން ދެން އަހަރެމެންނާއި އެކު ވީ މީހަކު ކަމުގައި އެމީހަކު ވާން ޖެހޭނެ. އެއީ އެމީހަކުވެސް އަހަރެމެންނާއި އެކު މީސްތަކުންނަށް އީސާގެފާނު އަލުން ދިރިވަޑައިގެންނެވި ކަމުގެ ހެކިދީ އެކަންތައްތައް އަންގައިދޭން ޖެހޭނެ.“
23 ދެން އެމީހުން މިބުނެވިދިޔަ ޝަރުތުތައް ހަމަވާ ދެމީހަކު ހޮވިއެވެ. އެ ދެމީހުންނަކީ މައްތިޔާސް އާއި ޔޫސުފު ބަރުސައްބާސް އެވެ. މި ޔޫސުފު ބަރުސަބާސްގެ ނަމަކަށް ޖުސްތުސް އޭ ވެސް ކިޔެއެވެ. 24 ދެން އެމީހުން މި ފަދައިން ދުޢާ ކުރިއެވެ. ”މާތް ސާހިބާ! ތިޔައީ އެންމެންގެ ހިތުގެ އަޑި ދެނެވޮޑިގެންވާ ފަރާތް. މި ދެމީހުންގެ ތެރެއިން މާތް ސާހިބާ ހޮއްވެވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ. 25 ޔުދާސް ޚިޔާނާތްތެރި ވި. އޭނާއާ މެދު ކަންތައް ވާންވީ ފަދައިންވެ ނިމި ހިނގައްޖެ. ޔުދާސްގެ ބަދަލުގައި މަންދޫބެއްގެ ގޮތުން މާތް ސާހިބާ އެންގެވި ކަންތައްތައް ކުރުމަށް، މި ދެމީހުންގެ ތެރެއިން ޢައްޔަން ކުރެއްވި މީހާ އަޅަމެންނަށް ހާމަކޮށް އަންގަވާފާނދޭވެ.“ 26 ދެން އެމީހުން މި ދެމީހުންގެ ތެރެއިން ހޮވޭނެ މީހަކު ބެލުމަށް ގުރުއަތުލިއެވެ. އެ ގުރުއަތުން ޔުދާސްގެ މަޤާމަށް ހޮވުނީ މައްތިޔާސް އެވެ. ދެން މައްތިޔާސް އަނެއް އެގާރަ މަންދޫބުންގެ ތެރެއަށް ބާރަވަނަ މަންދޫބެއްގެ ގޮތުން އިތުރު ކުރެވުނެވެ.
*1:12-13 1:12-13 މި އާޔަތުގައި ބައިމޭލުގެ ބަދަލުގައި މިފޮތް ލިޔެވިފައިވާ އަސްލު ބަސް ކަމުގައިވާ ގުރީކު ބަހުން ލިޔެވިފައި ވަނީ: ”ސަބަތުގެ ދުވަހު ހިނގަން ހުއްދަ އޮންނަ ދުރުމިނުގެ އަދަދެވެ.“